އާސަންދަ އަށްވެސް މިވަނީ ފަރުވާ ކުރަން ޖެހިފައި

މިއީ  2023.  ނަމަވެސް، 1998  ހިސާބުގައި ،  ބޭސްފަރުވާ  ފަދަ  މަޖުބޫރީ  ހާލަތްތަކުގައި  ބޭނުންޖެހިގެން  “ސަލާންޖަހަން”  ލާ   ސިޓީތަކަށް  އެއިރު ތީމުގެއިން ދިން  އެހީގެ  ނަން  “ރީބްރޭންޑް”  ކޮށް  އެއަށް  “އާާސަންދަ”  ކިއެއް  ކަމަކު  މިހާރެކޭ  އެއިރެކޭ  މާބޮޑު  ތަފާތެއް  ހުރީތީއެއް  ނުފެނެއެވެ.  އިންޝުއަރެންސް  ސްކީމެއް  މިފަދައިން  އުފައްދައި ހިންގުމުގެ  ޙިޔާލަކީ  ކިތަންމެހާވެސް  މޮޅު  ޙިޔާލެއް އަދި ބަޔަކަށް އެއިގެ މަންފާ ކޮށްފައިވި ނަމަވެސް،  އެ  ހިޔާލު  ގެ  ފަހަތުގައި  މަކަރުވެރި  ރޭވުން  ތަކަކާއި  ވަކި  ބަޔަކަށް  މަންފާލިބޭ  ވިޔަފާރިއާއި ކޮރަޕްޝަންގެ  އެތައް  ކުޅިގަނޑެއް  ރޭވި  ހިނގަމުންދާކަމީ  “އެންމެން  ދަނެއުޅޭ  ބޮޑު  ސިއްރެކޭ”  ބުނެވިދާނެއެވެ. ސިޔާސީ  މީހަަކު ނުވަތަ  ނުފޫޒު  ގަދަ  މީހަކު  މެދުވެރި  ނުވެ  އެ  ޙިދުމަތުގެ  ބޭނުން  ޖެހިފައިވާ  މީހާއަށް  ފޯރުކޮށް  ނުދެވެނީ  އެކަމުން  ވެސް  ބަޔަކު  އާމްދަނީއެއް  ހޯދާތީކަން  ކަށަވަރުވެއެވެ.  އަދި  އެފަދަ  ބޮޑެތި ކޮރަޕްޝަން  ގެ  ސަބަބުން  އެހީ  ލިބުމުގައި  ނިކަމެތި  މީހާގެ  މައްޗަށް  އިއްޒަތްތެރިޔާ  އިސްކުރެވޭ  ކަމީ  ޙަޤީޤަތެއްވެސް  މެއެވެ.  ނުފޫޒު  ގަދަ  މީހާއަށް  އެހީ ލިބުމުގައި  ފަސޭހަވާއިރު،  ނިކަމެތި  މީހާއަށް  ލިބުމުގައި  ދަތިވެ  ،  އެހީލިބޭ މިންވަރުވެސް  ދެ  ފަންތިއަށް ތަފާތު  ވުމަކީ އާސަންދައިގެ  ތަރާދު  އެއްކޮޅަށް  ބުރަވާ  ކަމުގެ  ދަލީލެކެވެ.  ހަމަ  ގައިމުވެސް ޔަޤީންވާ  އެއް ކަމަކީ  ގަދަވެ  ސަލާމަތުން  ހުރި  މީހަކު  އާސަންދަ  ނުވަތަ  އެފަދަ  އެހީއެއް  ހޯދަން  ސަލާންޖަހަން އެތަންތަނަށް  ދުވާލަކު  ދެފަހަރު  ނުދާނެ  ކަމެވެ.  ކަން  އެހެން  އޮތްއިރު  ،  ކޮންމެވެސް  ސިޔާސީ  މީހެއްގެ  ނުފޫޒެއް މެދުވެރި  ނުވެ  އާސަންދަ  ހަމަ  ނުޖެހެނީ  ކީއްވެތޯ  ސުވާލު  އުފެދެއެވެ.  ވަރަށް  ބޮޑު  ސުވާލެކެވެ.  އެ  ސުވާލުގެ  ޖަވާބު  ނުހަނު ސާދާކޮށް  ދެވެން  އޮތަސް  އެކަމަކީ  ކުރަން  ބަލާއިރު އެހާ  ސާދާ  ކަމެއްނޫނެވެ. 

 

އާސަންދައަކީ ޒަމާނީ އަޅުވެތި ކަމަކަށް ވެއްޖެ. 

އެންމެ  ފުރަތަމައިނުން  ، ސިޔާސީ  މީހާ  މެދުވެރިނުވެ  އެއިން  ކަމެއް  ނުވަނީ  ކީއްވެތޯ  ބަލައިލަމާ  ހިނގާށެވެ.  ބުނެވިދާނެއެވެ. އެއީވެސް  އެކަން  ގަސްތުގައި  ރޭވި  ހިނގަމުންދާގޮތެއް  ތޯޗެކެވެ. އެހެން  ބުނެވޭނެ  ބައިވަރު  ސަބަބުތައްވެސް  އެބަ  ހުއްޓެވެ.  އެއް  ސަބަބަކީ  ސިޔާސީ  މީހާކައިރިއަށް  ކަންކަމު  ދާން  ނުޖެހޭ  ގޮތަކަށް  އެކަން  ބައްޓަންވެފައި އޮންނަ  ނަމަ  އެމީހާގެ  ބޭނުން  ރައްޔިތުންނަށް  ކެނޑޭނެތީއެވެ.  ސިޔާސީމީހާ ރައްޔިތުމީހާގެ ކިބައިން  ވޯޓު  ހޯދުމަށް  އެދޭ  ހިނދުގައި  އޭނާއަށް  ވޯޓު  “ދޭން  ޖެހޭ”  މަޖުބޫރީ  ޙާލަތެއް  ކުރިމަތި  ކުރުވުމަކީ  އެއިގެ  މައިގަނޑު  އެއް  ބޭނުމެވެ.  މިއީ އަޅުވެތި  ކުރުމުގެ  ތަންކޮޅެއް  ޒަމާނީ  ނިޒާމެކޭ  ވެސް  ބުނެ  އުޅެއެވެ.  ތެދެކެވެ.  ރައްޔިތު  މީހާގެ  ނިކަމެތި  ހާލަތުގެ  ފައިދާ  ނަގައިގެން  މާ  ހެޔޮ  މީހެއް  ކަމުގައި  ދެއްކުމަކީ  ވެސް  ފާޑެއްގެ  އަޅުވެތި  ކުރުމެކެވެ.  ހަގީގަތަކީ  އާސަންދައަކީ  ކޮންމެ  ފަންތިއެއްގެ  ރައްޔިތަކު ނަމަވެސް  ހަމަ  ހަމަ  ކަމާއި  އެކު  އެއްވެސް  ނުފޫޒަކާއި  ނުލައި ލިބެން  ޖެހޭ  އިންސާނީ ޙިދުމަތަކަށް  ވާއިރު  ކޮންމެހެން  އެކަމުގެ  މެދުވެރިޔަކަށް  ސިޔާސީ  މީހާ  ވާން  ނުޖެހޭކަމެވެ.  

 

އާާސަންދައިގެ ބިއްދޮށަށް ނަޒަރެއް.

މިހާރު  އާސަންދައިގެ  ކޮރަޕްޝަންގެ  ވާހަކަ  ދިވެހިން  އަޑު  އަހާ  ބައުވެފައިވާ  އަންބާއަކަށް  ވެއްޖެއެވެ.  އަދި  އެއިން  އެއްވެސް  ކަމެއް  ބަލައި  އިންސާފުގެ  ތަރާދަކުން  ކިރައި  ނުލި  ތަނުގައި  އެ  ކަންކަން  ބަލާނެ  އިދާރާއެއްވެސް  ހުރި  ކަމަކަށް  ނުވެއެވެ.  ވާނީވެސް  އެހެންތާއެވެ.  މި  ހުރިހާ  ކަމަކީ  އެއްބަޔަކު  އަޑީގައި  ތިބެ  ރޭވި  ހިނގަމުން  އަންނަ  ކަންކަމެވެ.  އެބަޔަކީ  މުޅި  ގައުމުގެ  ހުރިހާ  ބާރެއް  ހިސޯރު  ކޮށްގެން  ތިބި  ސިޔާސީ  މީހުނެވެ.  ފައިސާއިން  ކޮންޓްރޯލްކުރާ  “ޑިމޮކްރަސީ”  އޭ  މިކިޔާ  ހުޅަނގުގެ  ސަގާފަތް  ދިރުވަން  މަސައްކަތް  ކުރާ  މީހުނެވެ.  ރައްޔިތުންނަށް  ހެޔޮގޮތް  އެދިގެން  އުޅޭކަމަށް  ބޭރުފުށުން  ދެއްކިގެން  އުޅޭ  އަމިއްލަ  ޖީބު  ބޮޑުކުރާ  ޙާއިނުންނެވެ.  ޙާއިނުންނޭ  މި  ބުނެވެނީ  ރައްްޔިތުންގެ  ފައިސާއަށް  މިފަދައިން  ހިޔާނާތްތެރި  ވަމުންދާތީއެވެ. 

 

ޒަމާނީ ވެއްޓެއްގައި އާސަންދަ

އިސްވެ  ބަޔާން  ކުރި  މޭރުމުން  ކަންކަން ހުރި  އިރު  ، ޙަޤީޤަތަކީ ޒަމާނީ  ޓެކްނޮލޮޖީގެ  އެހީގައި  އެކަންކަން  ކުރާނަމަ  އެކަން  ވާންވާނީ  އެހެނަކުން  ނޫންކަމެވެ.  މޮބައިލް  އެޕްލިކޭޝަނެއްގެ  މެދުވެރިކޮން  ބޮޑު  ބެންކެއްގެ  ހުރިހާ  ޙިދުމަތެއްހެން  ދެވޭ  މި  ޒަމާނުގައި  އާސަންދަ  ފަދަ  އިންސިއުރެންސެއް  ތަކުލީފަކާއި  ނުލައި  ކުރިއަށް  ނުގެންދެވެންވީ  އެއްމެ  ސަބަބެއްވެސް  އޮތް  ކަމަކަށް  ޟަމީރު  ގަބޫލެއް  ނުކުރެއެވެ. ބަލިމީހާގެ  ލިޔެކިޔުން  ޑާޓާބޭސް  އެއްގައި  ބެލެހެއްޓިގެން  ތަކުލީފު  މަދުކޮށް އެކަން  ނުވަނީ  މުޅި ސަރުކާރު  ހިންގުމުގެ  ނިޒާމުގެ  ކޮރަޕްޝަނާއި ހެދިއެވެ. ބަލި  މީހާ  ދުނިޔެ  ދޫކުރާއިރުވެސް  އެކި  ލިޔެކިޔުންތައް  ޕްރިންޓްކޮށްގެން  ހުށަހަޅަންބުނެ  “ޖެއްސުން”  ކުރަނީ  އެ  ނިޒާމު ފެއިލް  ވެފައިވާތީއެވެ. ބޭސް  ފަރުވާ  ކުރުން  ވެސް  ނަފާލިބޭ  ވިޔަފާރިއަކަށް  ހަދާފައިވީތީއެވެ.  ވާނީވެސް  އެހެންތާއެވެ. އެއް  ސިސްޓަމެއް  އެކި  ނަން  ނަމުގައި  އެއްބަޔަކު  45  އަަހަރުވަންދެން  ހިންގަން  ދިނީމާ  ކޮރަޕްޝަނަށް  މިފަދަ ނުހަނު  ގިނަ މަގުތައް  ކޮށިގެންދާ  ކަމީ  ޙަޤީޤަތެކެވެ.  މިއީ  އަދި  ބަލައިލާ  ބަޔާން  ކޮށްލަން  ކުޑަ  މިންވަރެކެވެ. 

 

އާސަންދަ ހުސްވޭ.

ދެންއޮތީ  އެފަދަ  އިންސުއަރެންސެއް  4  ލައްކައެއްހާ  މީހުނަށް  ހުސްނުވާނޭހެން  ފޯރުކޮށްދެވޭނެ  މާލީ  ޤާބިލްކަން  ދިވެހި  ދައުލަތުގައި  ހަމަ  ނެތިގެން  އުޅެނީބާއޭ  ހިތައް  އަރުވާލެވޭ  ޙާލަތެވެ.  އެ  ބީދައިން  ވިސްނާނަމަ،  އާބާދީގެ  ނިސްބަތުން  ބަލިވެގެން  އެ  ޙިދުމަތް  ހޯދަމުންދަނީ  ކިހާ  މީހެއްތޯ  ބަލައިލަމާ  ހިނގާށެވެ.  އާސަންދަ  ތަފާސް  ހިސާބު  ދައްކާގޮތުން  ، 164,751  މީހުން  2023  ނޮވެމްބަރ  އާއި  ހަމައަށް  އާސަންދަ  ޙިދުމަތް  ހޯދާފައިވާއިރު  އެކަމަށް  ވަނީ  289  މިލިއަން  ދިވެހި  ރުފިޔާ  ޙަރަދު  ވެފައެވެ.  މިއީ  2023  ވަނަ  އަހަރުގެ  ނޮވެމްބަރާއި  ހަމައަށް  ތަފާސް  ހިސާބުތައް  ދައްކާ  ގޮތް  ކަމުން، އާސަންދައަށް  ބަޖެޓް  ކުރެވިފައިވާ  ޢަދަދު  މިވަނީ  ހުސްވުމާއި  ގާތްވެފައިކަން  ކަށަވަރު  ވެއެވެ.  ނުބީހެންޏާ  ކަނޑާހަމައޭ  ބުނެވޭ  ބީދައިން  ދެމުން  އައި  ހިދުމަތް  މިވަނީ  ބީހިފައެވެ.  ބީހި  ފަރަށް  އަރާފައެވެ. 

 

ނުބެލެހެއްޓި ދެފުއް ފޮރުވިފައި

ޙިދުމަތުގެ  “ނަމުން”  ބުނާނަމަ ކިތަންމެހާވެސް  ރަނގަޅެވެ. ދިވެހި ރައްޔިތުން ބޮޑު ހޭދަކޮށްގެން ފަރުވާ ހޯދަން ޖެހުނު ގިނަ ބަލިތަކެއް، ދައުލަތުން ހިލޭ ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ އާސަންދަ ނިޒާމުގެ ތެރެއަށް ވައްދައިފިއެވެ. އެ ކަމަށް ރައްޔިތު މީހާ ކުރަމުން އައި ބޮޑު ޚަރަދު ހުއްޓުމަކަށް އައީއެވެ. ނަމަވެސް ދެން ދައުލަތަށް މި އުފުލަން ޖެހެނީ އިތުރު ބުރައެކެވެ. އިތުރު ޒިންމާތަކެކެވެ. މި ދައްކަނީ ކޮރަޕްޝަނާއި މިސް މެނޭޖްމަންޓުގެ ސާފު މާޒީއަކުން ކިލަނބުވެފައިވާ އާސަންދައިގެ ތިޖޫރި ތެރެއަށް އަނެއްކާ ވެސް އިތުރު ފައިސާތަކެއް ދައުލަތުން އަޅަންޖެހޭނެކަމުގެ ވާހަކައެވެ. ދައުލަތުގެ ހޭދަ އަނެއްކާ ވެސް އެތައް މިލިއަނަކުން އިތުރުވާނެކަމުގެ ވާހަކައެވެ.  އައު  އެތައް  ފަރުވާތަކެއް  ދާދި  ފަހަކުން  ވެސް  ވަނީ  އާސަންދައިގެ  ތެރެއަށް  އިތުރު  ކުރެވިގެން  ގޮސްފައެވެ. އަލަށް ތަޢާރަފްވި މި ހުރިހާ ޚިދުމަތަކާއެކު ސަރުކާރަށް އަނެއްކާ ވެސް ކުރަން ޖެހިފައި މި އޮތް ޚަރަދަކީ ބޮޑު ޚަރަދެކެވެ. ދިރިއުޅުމުގެ ހާލަތަށް ބަލައި މުއްސަނޖެއް، ފަގީރެއް ވަޒަންކުރުމެއް ނެތި ދިވެހި ސަރުކާރުން ދިވެހި ކޮންމެ ރައްޔިތަކަށް ދޭ މި ޚިދުމަތާއެކު ޚަރަދުތައް އަތް ނުފޯރާ ފަށަށް އެބަ އަރައެވެ. މިހާ ގިނަ ޚަރަދުތަކެއް ކުރަން ސަރުކާރުގައި ހަރުދަނާ ޕްލޭނެއް އެބަ އޮންނަންޖެހެއެވެ. މިހާރު ލިބެން ހުރި ޚިދުމަތްތަކަށް ވެސް އާސަންދަ ކަވަރޭޖު ދީގެން އަހަރު މެދަށް ބަޖެޓު ހުސްވާއިރު، އަލަށް ތަޢާރަފުކުރާ ޚިދުމަތްތަކަށް ހުސްނުވާ ބަޖެޓެއް އޮންނާނެ ފޯމިއުލާއަކީ ކޮބައިތޯ  ވެރިކަން  ކުރާ  ސިޔާސީ  މީހުން ހާމަކުރުން މުހިންމެވެ. 

 

އެންމެންވެސް ގަބޫލުކުރޭ. އެކަމަކު ދުވަހަކުވެސް ހައްލެއް ނުވޭ. 

މިހާ ގިނަ ޚިދުމަތްތަކެއް އާސަންދައިގެ ތެރެއިން ލިބޭ ގޮތަށް ތައާރަފްކުރިއިރު މި ނިޒާމު އޮތީ ބޮއްސުންލައިފައިކަން ޚުދު ސަރުކާރުން ވެސް ގަބޫލުކުރެއެވެ. އެގޮތުން ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި އާސަންދަ ފެންނަން އޮތީ ސިޔާސީ ކެމްޕޭނުތަކުގައި ވޯޓު ހޯދަން ޚަރަދުކުރާ ނިޒާމެއްގެ ގޮތުގައެވެ. ކުންފުނީގައި ރަނގަޅު ޗެކް އެންޑް ބެލެންސް ނިޒާމެއް މިވަގުތު ނެތް ކަމަށެވެ.  މި  ކަންކަމުން  ދޭހަވަނީ  އެންމެ  ކަމެކެވެ.  ބަޔަކު  މިކަމުން  އާމްދަނީ  އާއި  ނަފާ  ނަހަމަ  ގޮތުގައި  ހޯދަމުން  ދާކަމެވެ. “ސަރުކާރުތަކަށް އެބަ އެނގޭ އާސައިންދައިން ވައްކަން ކުރާކަން. އޭގެން ރޯމާއި ދުވާލު ވައްކަން ކުރާކަން އެބަ އެނގޭ. އެކަމު ހުއްޓާކަށް ބޭނުމެއް ނުވޭ. ކީއްވެގެންތޯ ނުހުއްޓަންވީ،” އާސަންދަ ނިޒާމާ ގުޅޭގޮތުން ދ. މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު ވިދާޅުވިއެވެ. އާސަންދައޭ ބުނުމުން ސިފަވާ ކޮރަޕްޝަނާއި، އަޑިއަޑިން ނަގާ ކަޓުތަކާއި މި ހުރިހާ ޑީލުތަކަށް އަވަސް ހައްލު ހޯދަން އެބަޖެހެއެވެ. މިއީ ހަމައެކަނި ސަރުކާރުން ދައްކާ ވަހަކައެއް ނޫނެވެ. ސިޔާސީ ޕޯޑިއަމްތަކުގައި ހަމަ ކޮންމެ ސިޔާސީ ބޭފުޅަކު ވެސް މި ކަން ފާހަގަކުރެއެވެ.  ނަމަވެސް  ވާކަމެއް  “ޙަރާމެވެ”. ލިބޭ ޚިދުމަތުގެ ފެންވަރާއި، އެ ޚިދުމަތް ހޯދަން ރައްޔިތު މީހާ ‘ތެޅެންޖެހޭ’ ހާލުން އެކަނި ވެސް މި ނިޒާމުގެ ޚަރާބުކަން ވިސްނެއެވެ. މި ކަމަށް ޓަކައި ސަރުކާރުން މަޝްވަރާތަކެއް ފަށައި، ހައްލުތަކެއް ރައްޔިތުންނާ ހަމައަށް ތިލަކޮށްދޭން  ޖެހޭތާ  ކިތަންމެ  ދުވަހެކެވެ. 

 

ހައްލުވާނީ ކިހިނަކުން؟ 

ހައްލު  ވާނޭ  ގޮތެއް  ހޯދަމާ  ބަހީއެވެ. އެކަންކަން  ހައްލު ކުރާނަމޭ  ބުނެ  އެތަކެއް  ވައުދެއް  ވެގެން  ގެންނަ  ސަރުކާރު  ތަކުން  ވެސް  ހަމަ  އިހުގައި  ކަން  ކުރި  ފަދައިން  ކަންކުރުން  ނޫން  އިތުރު  އެއްވެސް  ބަދަލެއް  ނުދެއްކުނެވެ.  އެހެން  އެކަން  ވާން  ޖެހެނީ  އަޅުގަނޑުމެން  ތުއްތު  އިރުވެސް  ސިޔާސީ  ކަންކަމުގައި  އުޅުނު  ވިޔަފާރިވެރިން  އަދިވެސް  އެކަމުގައި  މަސްއޫލުވެ  އުޅުމަށް  ރައްޔިތުން  މަގުފަހި  ކޮށްދޭތީއެވެ.  އައު  ބަޔަކަށް  ފުރުސަތު  ނުދެވިގެން  އުޅޭތީއެވެ.  30  އަހަރުވީ  ވެރިކަން  ނިމުމަކަށް  ގެނެސް  އައު  ކަންތައްތަކެއްގެ  އުންމީދުވެސް  ރައްޔިތުންނަށް  ގެނެސްދިނެވެ.  ނަމަވެސް  ހަމަ  ކަން  ހިނގަމުންދަނީ  އެއިރެކޭވެސް  އެއްފަދައިންނެވެ.  ނުވަތަ  އެއަށްވުރެވެސް  ގޯސްކޮށެވެ.  އާާއިލީ  ވެެރިކަމާއި  ކަރަޕްޝަން  ވީ  އިހުނަށްވުރެ  އިތުރެވެ.  އެކި  ނަން  ނަމުގައި  ސިޔާސީ  ޕާޓީތަކުން  ވެރިކަމަށް  އައިސް  ތިންބާރު  ވަކިވެގެން  ވެސް  އެއްވެސް  ކަމެއް  ބަދަލުވީތީއެއް  ނުފެނުނެވެ.  އެކަން  ދިވެހިންނަށް  އަދި  ފަހުމު  ނުވެ  އޮތް  ނަމަވެސް  ވިސްނައިފި  ކޮންމެ  މީހަކަށްމެ  އެއީ  ޙަޤީޤަތް  ކަން  ސާފުވެއެވެ. އެހެން  ކަމުން،  މިކަމަށް  ހަމައެކަނި  އޮތް  ހައްލަކީ  ޒުވާން  ތަޢުލީމީ  ގާބިލު  މުޅިން  އައު  ބަޔަކު  ސިޔާސީ  މައިދާނަށް  ނުކުމެ  ކަން  ކަން  ހަމަ  މަގަށް  އެޅުވުމެވެ.  ތިޔަ  ހިތައް  އަރާ  ސުވާލަކީ  ،  ސިޔާސީ  ގޮތުން  ފަސްބައި  މުޑުދާރުނުވާ އެފަދަ  ޒުވާން  ތަޢުލީމީ  މީހުން  ރާއްޖޭގައި  އެބަ  ތިބި  ބާއޭ  އެހެންނުންތޯ؟  ޖަވާބަކީ  އާނ  އެކެވެ.  ސިޔާސީ  ވިޔާނުދާ  މަކަރުގައި  ނުޖެހޭ  އެތަކެއް  ޒުވާނުންނެއް  ރާއްޖޭގެ  އެކި  ކަންކޮޅުތަކުގައި  އެބަ  ތިއްބެވެ. ޒަމާނުއްސުރެ  ދިވެހިރާއްޖޭގެ  ވެރިކަމާ  ތަޅާފޮޅާ  ދެތިން  އާއިލާަކާއި  މަހުޖަނުންތައް  މުޅިންހެން  މިކަންކަމުން  ދުރުކުރުވިގެން  ނޫނީ  މިކަންކަން  ހަމަ  މަގަށް  އެޅުވޭނެ  އެއްވެސް  ފޯމިއުލާއެއް  ނުފެނެއެވެ.  ފައިސާގެ  އަޅުންނަށް  ވެގެން  ތާއަބަދު  އެމީހުން  ކަންކަމަށް  އިސްކުރުން  ނިމުމަކަށް  ގެނެސްގެން  މެނުވީ  ދެނެއް  ދިވެހިގައުމު  ނުދަރާ  ސަލާމަތްވާކަށް  ނެތެވެ. 

 

މިކަންކަން ވާނެ ގޮތެއް ވާން ދޫކުރެވޭކަށް ނެތް.

ދިވެހިންގެ  ޒުވާން  ޖީލަށް  ޙައްގުވާ  ބާރާއިއެކު މިކަންކަން އަނބުރާ  ހޯދައި  ،  އެ  ޒުވާނުން  ޙާސިލްކުރި  ތަޢުލީމުގެ  ބޭނުންކޮށް  މި  ގޮންޖެހުން  ތަކާއި ކުރިމަތި  ނުލައިފިނަމަ  ކުރިއަށް  އޮތް  45  އަހަރުވެސް  މި  ކަންކަން  މިހެން  ހިނގާނެ  ކަމީ  ޝައްކެއް  އޮތް  ކަމެއް  ނޫނެވެ.  މިހާރު  މިއޮތް  ސިޔާސީ  މަސްރަހަށް  ނަޒަރު  ހިންގާލިޔަސް  މިދެންނެވި  ކަންކަން  އެމަގުން  ހިނގަމުންދާކަން  ޙުދު  އަމިއްލައަށްވެސް  ޤަބޫލް  ކުރެވޭނެއެވެ. އިއްޔެ  “ބާޢީ”  ގެ  ލަގަބުން  ލަގަބުދީފައި،  މިއަދު  މިނިސްޓަރ  ކަން  “އޯކޭ”  ވެފައި،  ކުރިން  “ގޮޅާބޯ”  ކީ  ޖަގަހައިގައި  “ތިޔައީ  ޒަޢީމޭ”  ޖެހުމުން  އެ  ދޭހަވަނީ  ހުރިހާ  ވާހަކައަކީވެސް  ސިޔާސީ  ބޭނުމަށް  އެވަގުތެއްގައި  ރައްޔިތުންގެ  ފިކުރާއި  ކުޅެން  މި  ބުނާ  ސިޔާސީ  ފަސްބައި  މުޑުދާރުވެފައި  ތިބި  މީހުން  ކުޅުނު  “ގޭމެއް”  ކަމެވެ.  އެ  ކުޅިގަނޑުގެ  ކުޅިބަޔަށް  ވެގެން  ތިބުން  ހުއްޓާލައި،  އެ  ޖީލަށް  ނޫނެކޭ  ބުނަން  މާލަސްވެސް  ވެއްޖެއެވެ. 

Share this on

Light
Dark